އިންތިޤާލީ މަރުޙަލާއާއެކު ހުސްވެފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމަށާއި ކޮމިޝަންގެ ނައިބުރައީސް ކަމުގެ މަޤާމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާގޮތުގެ މަތިން ބޭފުޅުން އިންތިޚާބުކުރައްވާފިއެވެ.
އެގޮތުން ކޮމިޝަންގެ ރައީސްކަމުގެ މަޤާމަށް 31 އޯގަސްޓް 2010 ވަނަ ދުވަހުގެ ރޭ ބޭއްވުނު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 98 ވަނަ ޖަލްސާ ގައި ކޮމިޝަންގައި ބޭއްވި ސިއްރުވޯޓުގެ އަޣްލަބިއްޔަތުން ހޮވިވަޑައިގެންފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ސުޕްރީމްކޯޓުން އައްޔަންކުރައްވާފައިވާ މިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲއެވެ. އަދި ނާއިބުރައީސްކަމުގެ މަޤާމަށް ކޮމިޝަންގައި ބޭއްވި ސިއްރުވޯޓުގެ އަޣްލަބިއްޔަތުން ހޮވިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުން ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ މެމްބަރު ޑރ. އަފްރާޝީމް ޢަލީއެވެ.
ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ) ގެދަށުން ސުޕްރީމް ކޯޓުން ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ޢައްޔަންކުރަންޖެހޭ މެންބަރު ޢައްޔަނުކޮށްފައި ވަނީ 22 އޯގަސްޓް 2010 ގައި ސުޕްރީމް ކޯޓުގެ 07 ފަނޑިޔާރުންގެ މެދުގައި އިންތިޚާބެއް ބާއްވައިގެންނެވެ.