ސުޕްރީމް ކޯޓަށް 12 އަހަރު ފުރިގެން މިދިޔައީ، އިޖާދީ އަދި ހާމަކަން ބޮޑު ގޮތެއްގައި ޝަރީޢަތްތައް ހިންގުމުގެ އައު ގޮތްތަކެއް އަލަށް ތަޢާރަފުކުރެވި އެކަންކަމުގެ ހެޔޮ ތަޖުރިބާއާއެކު – ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު

18 ސެޕްޓެމްބަރ 2020   ޢާއްމު , ޚަބަރުތައް  

ސުޕްރީމް ކޯޓަށް 12 އަހަރު ފުރިގެން މިދިޔައީ، އިޖާދީ އަދި ހާމަކަން ބޮޑު ގޮތެއްގައި ޝަރީޢަތްތައް ހިންގުމުގެ އައު ގޮތްތަކެއް އަލަށް ތަޢާރަފުކުރެވި އެކަންކަމުގެ ހެޔޮ ތަޖުރިބާއާއެކު – ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު

ވީޑިއޯ މެދުވެރިކޮށް އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަސިމް ޢަދުނާން މިއަދު ދެއްވި ޚިޠާބު ފަށްޓަވަމުން، ކޯޓުގެ ފަނޑިޔާރުންނަށާއި މުވައްޒަފުންނަށާ، އަދި ޝަރުޢީ ދާއިރާގެ އެންމެހައި ފަނޑިޔާރުންނަށާއި މުވައްޒަފުންނަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މަރުޙަބާ ދެންނެވިއެވެ. އަދި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަލަށް ގުޅިވަޑައިގެންނެވި ދެ ފަނޑިޔާރުންނަށްވެސް އެ މަނިކުފާނު މަރުޙަބާ ދެންނެވިއެވެ.
އުއްތަމަ ފަނޑިޔާރުގެ ޚިޠާބުގައި، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިހާރު ޤައުމަށް ކުރިމަތިވެފައިވާ ހާލަތުގައިވެސް، ފަނޑިޔާރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އެކީ، ސުޕްރީމް ކޯޓުން ފޯރުކޮށްދޭންޖެހޭ ޢަދުލު އިންޞާފުގެ ޚިދުމަތްތައް މެދުކެނޑުމެންނެތި ކުރިއަށް ގެންދިއުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ޒަމާނީ ވަސީލަތްތަކުގެ ޒަރިއްޔާއިން ކުރިއަށް ގެންދިއުމާގުޅޭ ގަވާއިދެއް އެކުވަލައިލެވި، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް މިހާރު ކުރިއަށް ގެންދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ލައިވްކޮށް ކުރިއަށް ގެންދެވޭ ޝަރީޢަތްތަކެއްގެ ގޮތުގައިކަންވެސް އެ މަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އައު ދައުރުގެ މަސައްކަތްތަކުގެ ނަތީޖާތަކަށް އަލިއަޅުއްވާލައްވަމުން، ފާއިތުވެދިޔަ 12 އަހަރު ދުވަހުގެ ތަފާސްހިސާބުތަކާ އަޅާ ބަލާއިރު ހިނގަމުން މިދާ 2020 ވަނަ އަހަރަކީ ސުޕްރީމް ކޯޓުގެ ޙަޔާތުގައި އެންމެ ގިނަ މައްސަލަތައް ތާވަލުކުރެވި އެންމެ ގިނަ އަޑުއެހުންތައް ބޭއްވުނު އަހަރުކަންވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. މިގޮތުން، ފާއިތުވި އަހަރުގެ ސެޕްޓެންބަރު 18 އިން މިއަހަރުގެ ސެޕްޓެންބަރު 18 ވަނަ ދުވަހާ ހަމައަށް 251 އަޑުއެހުން ބޭއްވިފައިވާކަން އެ މަނިކުފާނު ބަޔާން ކުރެއްވިއެވެ. އަދި، ވޭތުވެ ދިޔަ 11 އަހަރުގެ ތެރޭގައި ނިންމުނު މައްސަލައިގެ އެވްރެޖް އަކީ 24 ކަމާއި، މި ނިމިދިޔަ އަހަރުގެ ތެރޭގައި 49 މައްސަލައެއްގައި ޙުކުމް ކުރެވިފައިވާކަމާއި، އަދި ސުޕްރީމް ކޯޓަށް ބަލައިގަތުމާމެދު 13 މައްސަލައެއްގައި ގޮތް ނިންމައި، 05 މައްސަލައެއް އިޖުރާއީގޮތުން ބެލިފައިވާކަމާއި، މިއީ، ކުރީ އަހަރުތަކުގެ އެވްރެޖާ އަޅާ ބަލާއިރު 73.4 އިންސައްތައިގެ ކުރިއެރުމެއްކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އުއްތަމަ ފަނޑިޔާރުގެ ޚިޠާބު ނިންމަވާލައްވަމުން ޤައުމަށް ކުރިމަތިވެފައިމިވާ ކޯވިޑް-19 ގެ ދަތި ދަނޑިވަޅުގައި މިފަދަ ފުރިހަމަ ނަތީޖާއެއް ޙާސިލުކުރުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް އެ މަނިކުފާނު ވަނީ ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ. އަދި މީގެއިތުރުން، މި މަސައްކަތްތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޝަރުޢީ ކޯޓުތަކާއި، ދައުލަތުގެ އިދާރާތަކުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް އެފަރާތްތަކަށްވެސް އެ މަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 12 ވަނަ އަހަރީ ދުވަހާއި ގުޅިގެން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާން ދެއްވި މެސެޖު