02 ޖޫން 2019 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ ނޫސް ބަޔާން

03 ޖޫން 2019   ޚަބަރުތައް  

02 ޖޫން 2019 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ ނޫސް ބަޔާން

ނޫސް ބަޔާން

ދިވެހިރާއްޖޭގެ ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކުރުމާއެކު، ފަނޑިޔާރުގެ ހަރުދަނާކޮށް ފަނޑިޔާރުގެއިން ރައްޔިތުންނަށްދެވޭ ޢަދުލު އިންޞާފު ލިބިދިނުމުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ތަރައްޤީކޮށް، ފަނޑިޔާރުގެ އިޞްލާޙުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ މަތި ކުރެވިފައި އޮންނަ ދުސްތޫރީ ޒިންމާ އަދާ ކުރުމުގެ ގޮތުން، މި ހިނގާ 2019 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ އިސް ނެގުމަށް، ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކުރުމާއި ފަނޑިޔާރުގެ އިޞްލާޙު ކުރުމާ ބެހޭގޮތުން ޢިލްމީ ފެންވަރުގައި ބަޙުޘްކޮށް މަޝްވަރާ ކުރުމަށްޓަކައި ވަނީ ކޮންފަރެންސެއް ބޭއްވިފައެވެ. ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް، ފަނޑިޔާރުގެ އިޞްލާޙު ކުރުމަކީ މުޅި ޤައުމުގެ މަޞްލަޙަތު އެކަމާގުޅި ލާމެހިފައިވާ ކަމެއް ކަމުގައި ވާތީ، މި ކޮންފަރެންސް ބޭއްވުނީ ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް ދަޢުވަތު ދީގެން، އެންމެހައި ސްޓޭކްހޯލްޑަރުންގެ ފުރިހަމަ ބައިވެރިވުމާ އެކުގައެވެ. އެގޮތުން ޝަރުޢީ ދާއިރާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް ފަދަ އިދާރާތަކާއި ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ތެރެއިން ސީނިއަރ ބޭފުޅުންތަކެއް ކޮންފަރެންސުގައި ބައިވެރިވެ ވަޑައިގެންފައި ވާއިރު، އެޓަރނީ ޖެނެރަލްގެ އޮފީހާއި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހާއި ޤާނޫނީ ވަކީލުންގެ ފަރާތުން މުހިއްމު ކަރުދާސްތަކެއް ކޮންފަރެންސުގައި ހުށައެޅުއްވިކަން ވެސް ފާހަގަ ކުރަމެވެ. އަދި މި ކޮންފަރެންސުގައި ޔޫއެންޑީޕީ މޯލްޑިވްސް އާއި ޔުނިސެފް މޯލްޑިވްސްގެ ފަރާތުން ބައިވެރި ވެވަޑައިގެންފައި ވާއިރު، އޮބްޒާވަރުންގެ ގޮތުގައި ޔޫރަޕިއަން ޔޫނިއަނުން ވެސް ބައިވެރި ވެވަޑައިގެންފައި ވެއެވެ. މީގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަނޑިޔާރުންނާއި ބައިނަލްއަޤުވާމީ ތަޖުރިބާކާރުން ވެސް ކޮންފަރެންސުގައި ބައިވެރިވެ ވަޑައިގެން ކަރުދާސް ހުށައަޅުއްވައިފައި ވެއެވެ.

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އޮނަރަބްލް އިބްރާހީމް މުޙައްމަދު ޞާލިޙު 18 ފެބުރުވަރީ 2019 ގައި އިފްތިތާޙު ކޮށްދެއްވި މި މުހިއްމު ކޮންފަރެންސުގައި ހުށައެޅުނު ކަރުދާސްތަކާއި، ކުރެވުނު ބަޙުޘްތަކާއި މަޝްވަރާތަކުގެ ތެރެއިން، ޝަރުޢީ ދާއިރާ ހަރުދަނާކޮށް އިޞްލާޙު ކުރުމާބެހޭގޮތުން ޝާމިލު ގޮތެއްގައި ރިކޮމެންޑޭޝަންތަކެއް ހުށަހެޅި، އެ ރިކޮމެންޑޭޝަންތަކުގެ މައްޗަށް އިޞްލާޙީ މަގުޗާޓެއް ވެސް ވަނީ 01 މެއި 2019 ގައި އިފްތިތާޙު ކުރެވިފައެވެ. އަދި އެ މަގުޗާޓު ތަންފީޛުކުރެވޭނޭ ގޮތުގެ އެކްޝަން ޕްލޭނެއް ތައްޔާރުކޮށް އިފްތިތާޙުކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ. މި މުހިއްމު މަސައްކަތް ކުރެވެމުން ދަނީ ޝަރުޢީ ދާއިރާއާ ގުޅުންހުރި، މައިގަނޑު ސްޓޭކްހޯލްޑަރުންގެ ލަފަޔާ އިރުޝާދާ އެކުގައެވެ.
މިގޮތުގެމަތިން، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް ފަނޑިޔާރުގެ އިޞްލާޙު ކުރުމަށް މުހިއްމު މަސައްކަތްތަކެއް، ޢިލްމީ އަދި ފަންނީ ފެންވަރުގައި ކުރެވިފައި ވަނިކޮށް، އެޓަރނީ ޖެނެރަލްގެ އޮފީހުން ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ ނަމުގައި ދިރާސާއެއް ކުރެއްވުމަށް ނިންމަވައި، އެ ދިރާސާ ކުރެއްވުމަށްޓަކައި ދެކުނު އެފްރިކާގެ ބޭފުޅެއް ކަމަށްވާ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ ރާއްޖެ ގެންނަވައި، ކަމާގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރެއްވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދިވަޑައިގެންނެވުމުން، 29 މެއި 2019 ވީ ބުދަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން ވަނީ ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރއާ ބައްދަލު ކުރައްވައިފައެވެ.
މި ދެންނެވި ބައްދަލުވުމުގައި، ޝަރުޢީ ދާއިރާގެ ޙާލަތު ހުރި ގޮތާއި، ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ޙައްލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަގައިގެން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތަފްޞީލު ޙިއްޞާކުރެވުނެވެ. މިގޮތުން ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް ފަނޑިޔާރުގެ އިޞްލާޙުކުރުމާ ބެހޭގޮތުން ތައްޔާރު ކުރެވެމުންދާ އެކްޝަން ޕްލޭނުގެ މައުލޫމާތުވެސް ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރއާ ޙިއްޞާކުރެވުނެވެ. އަދި ސިޔާސީ ނުފޫޒާއި، ބިރުދެއްކުންތަކާއި، ފަނޑިޔާރުގޭގެ ޙުރުމަތަށް އަރައިގަނެ ފަނޑިޔާރުންގެ އަގު ވައްޓައިލައި ބަދުނާމު ކުރުމުގެ މަޤްޞަދުގައި ކުރެވޭ ކަންކަމުގެ ސަބަބުން ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަމަށް ކުރިމަތި ވެފައިވާ ނުރައްކާތަކާ ބެހޭގޮތުން ވެސް އޭނާޔަށް މަޢުލޫމާތު އެރުވުނެވެ. ނަމަވެސް، އިޚްލާޞްތެރި ހެޔޮ ނިޔަތެއްގައި މި ކަންކަން ޙިއްޞާ ކުރުމުން، މިއިން އެއްވެސް ކަމަކާ މެދު މަޝްވަރާ ކުރެއްވުމުގެ ބަދަލުގައި، ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި، ހުތުރުކޮށް އަދި އިހާނެތިގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަޤާމު ދޫކޮށްލުން ފަދަ ގޮތެއް އިޚްތިޔާރު ކުރުން ރަނގަޅުވާނެ ކަމަށާއި، ޤާނޫނުއަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށާއި، ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އަދި އޭނާ ތައްޔާރުކުރައްވައި ހުށަހަޅުއްވާ ރިޕޯޓުގައި ރާއްޖޭގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް އޭނާ ރެކޮމެންޑްކުރައްވާނެކަމަށްވެސް ވިދާޅުވެ، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އެއް ބާރުކަމުގައިވާ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރަށް ވަރަށް ޞަރީޙަ އިބާރާތުން ވަނީ ބިރު ދައްކަވައި އިންޒާރު ދެއްވާފައެވެ.

ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ނިޒާމު އިޞްލާޙު ކުރުމުގެ މަސައްކަތުގައި ދައުލަތުގެ އެއްވެސް އިދާރާއަކުން އެ އިދާރާއަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ އިޚްތިޞާޞާއި މެންޑޭޓް އަދާކުރުމާ ބެހޭގޮތުން ލަފާ ދެއްވުމަށް ވަޑައިގަންނަވާ ބައިނަލްއަޤުވާމީ ކޮންސަލްޓަންޓެއްގެ ދައުރަކަށް ވާންޖެހޭނީ ޕްރޮފެޝަނަލްކަމާއި މިނިވަންކަމާއެކު، ފަންނީ ލަފާދިނުމެވެ. ނަމަވެސް ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރގެ ޢަމަލާއި ބަސްމަގުހުރީ އެގޮތުގެމަތިން ނޫންކަން މި ފާހަގަކުރަނީ ކަންބޮޑުވުމާއި ހިތާމަޔާ އެކުގައެވެ. މިގޮތުން، އޭނާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވަޑައިގެން ފަނޑިޔާރުންނާ ބައްދަލު ކުރެއްވީ، ޝަރުޢީ ދާއިރާއާ އެއްވެސް މިންވަރަކަށް މަޝްވަރާ ކުރެއްވުމެއްނެތި އަދި ކަންތައްތައް ހިނގަމުންދާ ގޮތާމެދު ޝަރުޢީ ދާއިރާގެ ބަހެއް ހޯއްދަވައި، ކަމުގެ ޙަޤީޤަތްތައްވެސް އޮޅުންފިލުއްވުމެއް ނެތި، ވަކި ގޮތަކަށް ވިސްނުންފުޅު ބައްޓަން ކުރައްވައިގެން އަދި ވަކި ގޮތަކަށް ޢަމަލު ކުރެއްވުމަށް ކުރިންސުރެ ރާއްވަވައިގެންކަން އޭނާގެ ވާހަކަފުޅުން ސާފުކޮށް އެނގެއެވެ. އަދި ޝަރުޢީ ދާއިރާއާ މެދު އޭނާގެ ވާހަކަފުޅު ހުރީ ނަފްރަތާއި ތަޢައްޞުބުން ފުރިގެންވާ ގޮތެއްގައިކަމާއި، ފަނޑިޔާރުގެ އިޞްލާޙުކޮށް ތަރައްޤީކުރުމާ ބެހޭގޮތުން ޝަރުޢީ ދާއިރާގެ ވިސްނުން އޮޅުންފިލުވުމުގެ އެއްވެސް ޝައުޤުވެރިކަމެއް އޭނާގެ ކިބައިގައި ނެތްކަން، އޭނާ ޢަމަލު ކުރެއްވި ގޮތުން ކަށަވަރު ވެގެންދިޔައެވެ. އަދި އޭނާގެ ވާހަކަފުޅު ހުރީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތުތަކެއްގެ މައްޗަށް ބުރަވެވަޑައިގެން، ވަކި ނަތީޖާއެއް ޙާޞިލު ކުރެއްވުމަށް މަސައްކަތް ކުރައްވާ ގޮތަށެވެ. ބައިނަލްއަޤުވާމީ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅަކު، ފަނޑިޔާރުގެއަށް ވިޔަސް އަދި ދައުލަތުގެ އެހެން ބާރަކަށް ނުވަތަ އިދާރާޔަކަށް ވިޔަސް ބިރު ދައްކައި  އިންޒާރުކުރުމަކީ ދިވެހި ދައުލަތުގެ ކަރާމަތާއި ހައިބަތަށް އިޙްތިރާމް ކުޑަކުރުމުގެ ޢަމަލުތަކެއްކަމުގައި މެނުވީ ނުވާނެކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ.

ދިވެހި ދައުލަތަކީ ދުސްތޫރީ ގޮތުން ބާރުތައް ވަކިކުރެވިފައިވާ، އަދި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ބާރު މިނިވަން ކުރެވިފައިވާ ދީމިޤްރާޠީ އަދި ޤާނޫނީ ދައުލަތެކެވެ. މި ދައުލަތުގެ ކަންކަން ހިނގާންވާނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށެވެ. ޤާނޫނުއަސާސީން މިނިވަން ކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަން ގެއްލި، އެއިރަކު ބާރުވެރިކަން އޮންނަ ފަރާތްތަކުން ކޯޓުތަކުގެ މައްޗަށް އެކި ގޮތްގޮތުން ނުފޫޒު ހިންގުމުގެ ޘަޤާފަތެއް ދިވެހިރާއްޖޭގައި އުފެދިގެން ދިޔުމަކީ، ޤާނޫނުގެ ޙުކުމް ނަގަހައްޓައި، މިނިވަންކަމާއެކު ޢަދުލުއިންޞާފު ޤާއިމުކޮށް، ދީމިޤްރާޠީ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް މުޅީން ހަލާކު ވެގެން ހިނގައިދާނެ ކަމެއްކަން ކަށަވަރެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކަކުން ވެސް ޤާނޫނުއަސާސީއިން  ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަމަށް ފުރިހަމައަށް އިޙުތިރާމުކުރުމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަގައިގެން ފަނޑިޔާރުގެ އިޞްލާޙުކޮށް ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެމުން ގެންދިޔުމަށް އިލްތިމާސް ކުރަމެވެ.

----------------------
28 ރަމަޟާން 1440

02  ޖޫން  2019

 

ނޫސް ބަޔާން ވިދާޅުވުމަށް