އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން

(08 ޑިސެންބަރު 2019 އިން ފެށިގެން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމުގައި)

 އަޙްމަދު މުޢުތަޞިމް ޢަދުނާން އުފަންވެވަޑައިގެންނެވީ 09 ފެބުރުވަރީ 1965 ގައި ދިވެހިރާއްޖޭގެ ވެރިރަށް މާލެގައެވެ. 1989 ވަނަ އަހަރު ފާޠިމަތު އަޒުލިފާއާ ކާވެނިފުޅު ބައްލަވައިގެން އެ ކާވެނިފުޅަށް ތިން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އެ މަނިކުފާނު ބެޗިލަރ އޮފް ލޯސް ޙާޞިލުކުރައްވާފައި ވަނީ 1992 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަކިންގހަމް އިންނެވެ. އަދި، 1994 ވަނަ އަހަރު، ސްކޮޓްލޭންޑްގެ ޔުނިވަރސިޓީ އޮފް ގްލެސްގޯ އިން މާސްޓަރ އޮފް ފިލޯސޮފީ ޙާޞިލްކުރައްވާފައިވެއެވެ.
އަޙްމަދު މުޢުތަޞިމް ޢަދުނާން، 1994 އިން 2001 ގެ ނިޔަލަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ ވަޒީފާ އަދާކުރެއްވިއެވެ. 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް  މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން (މިހާރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ) ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ޑީން އެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. 2005 އިން 2010 ވަނަ އަހަރުގެ ނިޔަލަށް އެ މަނިކުފާނު މަސައްކަތްކުރައްވާފައި ވަނީ ކްލިޕަރ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނަރއެއްގެ ގޮތުގައެވެ. އަޙްމަދު މުޢުތަޞިމް ޢަދުނާން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ލޯ ކޮމިޝަން އާއި ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ބޯޑްގެ މެމްބަރެއްގެ ގޮތުގައި އެ މަނިކުފާނު މަސައްކަތްކުރައްވާފައިވެއެވެ. 2008 ވަނަ އަހަރު ތަސްދީޤުކުރެއްވި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން  އެކުލަވައިލެވުނު ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗަށް  އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ނަންފުޅު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ހުށަހެޅުއްވިއެވެ.  އަދި އެ މަޤާމަށް 10 އޮގަސްޓު 2010 ގައި އެ މަނިކުފާނު ޢައްޔަންކުރެއްވުމާގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 2014 ވަނަ އަހަރުގެ ނިޔަލަށް ޚިދުމަތް ކުރައްވާފައިވެއެވެ.
2019 ވަނަ އަހަރު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އެ މަނިކުފާނުގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް ހުށަހެޅުއްވިއެވެ. އަޙްމަދު މުޢުތަޞިމް ޢަދުނާން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވާކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 08 ވީ އާދީއްތަ ދުވަހުއެވެ.