ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު

(04 ސެޕްޓެންބަރު 2019 އިން ފެށިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުގައި)

ޑރ. އަޒްމިރާލްދާ ޒާހިރު އުފަންވެ ވަޑައިގެންނެވީ 19 ޖުލައި 1979 ގައި ކ. މާލެ އަށެވެ. އަދި އެކަމަނާއަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވާ ބޭކަނބަލެކެވެ. އެގޮތުން އެ ކަމަނާ ވަނީ ޔުނިވަރސިޓީ އޮފް ކާޑިފް (ޔޫކޭ) އިން، އެލް.އެލް.ބީ އޮނާރސް އާއި، ޔުނިވަރސިޓީ އޮފް ޕޯޓްސްމައުތު (ޔޫކޭ) އިން، އެލް.އެލް.އެމް ޑިގްރީ ޙާޞިލު ކުރައްވާފައެވެ. އެއަށްފަހު، އެކަމަނާ ވަނީ ބައިނަލް އަޤްވާމީ ފިކުރީ މުދަލާއި ބެހޭ ޤާނޫނުގެ ދާއިރާއިން ޔުނިވަރސިޓީ އޮފް އެގްޒެޓަރ (ޔޫކޭ) އިން ޕީ.އެޗް.ޑީ ޑިގްރީ ޙާޞިލުކުރައްވާފައެވެ. ޑރ. އަޒްމިރާލްދާ ޒާހިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ޢައްޔަން ކުރެވުނީ 04 ސެޕްޓެންބަރު 2019 ގައެވެ.
ޑރ. އަޒްމިރާލްދާ ޒާހިރުއަށް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިވަޑައިގަތީ ޖުލައި 1999 ގައެވެ. އެގޮތުން، 2001 ވަނަ އަހަރު މާލޭ މުނިސިޕަލްޓީގެ ލީގަލް ސެކްޝަނުގައި އެކަމަނާ ވަޒީފާ އަދާކުރެއްވެވިއެވެ. އެ އޮފީހުގައި އެސިސްޓަންޓް ޑިރެކްޓަރ ކަމުގެ މަޤާމުގައި ހުންނެވުމަށްފަހު، 2002 ވަނަ އަހަރުގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ދަށުން ހިނގަމުން ދިޔަ ދިވެހިރާއްޖޭގެ ލޯ ކޮމިޝަނުގެ ލީގަލް އޮފިސަރ ކަމުގެ މަޤާމަށް ބަދަލު ކުރެވުނެވެ. ދިވެހިރާއްޖޭގެ ލޯ ކޮމިޝަނުގައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށްޓަކައި ބިލުތަކުގެ ދެލިކޮޕީ އެކުލަވާލުމުގެ މަސައްކަތާއި އަދި އެފަދާ ބިލުތަކާ ގުޅިގެން ކުރަންޖެހޭ އިތުރު ދިރާސާ ކުރުމުގެ މަސައްކަތް ކުރެއްވެވިއެވެ. ފަހުން އެތަނުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމުގައި ހުންނެވުމަށްފަހު، 2009 ވަނަ އަހަރުގައި އެކަމަނާ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނާ ގުޅިވަޑައިގަތެވެ. ކޮލެޖު ޤައުމީ ޔުނިވަރސިޓީއަށް ބަދަލުވެގެން ދިޔައިރު ޑރ، އަޒްމިރާލްދާ ޒާހިރަކީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ޑީންއެވެ.
26 މާރޗް 2011 ގައި ޑރ. އަޒްމިރާލްދާ ޒާހިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނެވެ. އެކަމަނާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑީޔާރުކަމަށް ޢައްޔަންކުރެވުނު ފުރަތަމަ އަދި ހަމައެކަނި އަންހެން ބޭފުޅާއެވެ. އަދި 2015 ވަނަ އަހަރު ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުންގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައެޅުއްވި ފަނޑިޔާރުންގެ ތެރޭގައި އެކަމަނާ ހިމެނުނެވެ. ހައިކޯޓު ފަނޑިޔާރުކަމުގެ މަޤާމުން 2016 ވަނަ އަހަރު އެކަމަނާ އިސްތިއުފާ ދެއްވުމަށްފަހު އަމިއްލަ ލޯ ފާރމެއް އުފައްދަވައި، އުޅުއްވީ ޕްރައިވެޓް ޕްރެކްޓިސްގައެވެ.


ޑރ. އަޒްމިރާލްދާ ޒާހިރު ބައިވެރިވެވަޑައިގެންނެވި ސެމިނާރތަކާއި ކޮންފަރެންސް އަދި ތަމްރީން ޕްރޮގްރާމްތަކުގެ ތެރޭގައި؛
- 2002 ވަނަ އަހަރު، ވޯލްޑް ބޭންކުން އިންތިޒާމްކޮށްގެން ޔޫކޭގެ އައިލް އޮފް ވައިޓް ކައުންސިލްގެ ލީގަލް ސެކްޝަނުގައި 3 ހަފްތާއަށް ހިންގުނު ތަމްރީން ޕްރޮގްރާމް.
- 2002 ވަނަ އަހަރު، ވޯލްޑް ބޭންކުން އިންތިޒާމްކޮށްގެން ޔޫކޭގެ ހެރޯ ޑިސްޓްރިކްޓްގެ ލޭންޑް ރެޖިސްޓްރީގައި 2 ހަފްތާއަށް ހިންގުނު ތަމްރީން ޕްރޮގްރާމް.
- އޭޕްރީލް 2007 ގައި ޖެނެވާ، ސުވިޒަލޭންޑްގައި ބޭއްވުނު "ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން ޖެނެވާ ވީކް ފޯ ނޮން ރެސިޑެންޓް ލީސްޓް ޑިވެލޮޕްޑް ކަންޓްރީސް".
- ފެބްރުއަރީ 2007 ގައި ކަތުމަންޑޫ، ނޭޕާލްގައި ބޭއްވުނު "ސައުތު އޭޝިއަން ފްރީ ޓްރޭޑް އޭރިއާ މީޓިންގ އޮފް ކޮމިޓީ އޮފް އެކްސްޕާރޓްސް".
- ޖުލައި 2007 ގައި މަކައު، ޗައިނާގައި ބޭއްވުނު "ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން/ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް، ރީޖަނަލް ވޯރކްޝޮޕް އޮން ދަ އެގްރީމަންޓް އޮން ޓްރޭޑް ރިލޭޓަޑް އެސްޕެކްޓްސް އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިސްޓް އެންޑް ޕަބްލިކް ހެލްތު" .
- ޑިސެމްބަރ 2007 ގައި ސިންގަޕޫރުގައި ބޭއްވުނު "ރީޖަނަލް ފޯރަމް އޮން ސްޓްރެޓެޖިކް އިޝޫސް އިން ޕަބްލިކް ހެލްތު، އިނޮވޭޝަން އެންޑް އިންޓެލެކްޗުއަލް ޕްރޮޕަޓީ".
- ޑިސެމްބަރ 2007 ގައި ސިންގަޕޫރުގައި ބޭއްވުނު "ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޯގަނައިޒޭޝަން އޭޝިއާ-ޕެސިފިކް ފޯރަމް އޮފް ހެޑްސް އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީސަސް".
ޖެނުއަރީ 2008 ގައި ކުއަލަ ލަމްޕޫރު، މެލޭޝިއާގައި ބޭއްވުނު "މީޓިންގ އޮފް ހެޑްސް އޮފް ޑްރާފްޓިން އޮފީސަސް އިން ދަ އޭޝިއާ ރީޖަން".
- ނޮވެމްބަރ 2012 ގައި ބާލީ، އިންޑޮނޭޝިއާގައި ބޭއްވުނު 25 ވަނަ "ލޯއޭޝިއާ ކޮންފަރެންސް".
- މެއި 2013 ގައި އިންޓަނޭޝަނަލް ޓްރެއިނިންގ ސެންޓަރ އޮފް ދަ އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންއިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގައި ބޭއްވުނު "އިންޓަނޭޝަނަލް ލޭބަރ ސްޓޭންޑާޑްސް ފޯ ޖަޖެސް، ލޯޔަރސް އެންޑް ލީގަލް އެޑިއުކޭޓަރސް".
- މެއި 2014 ގައި ސިންގަޕޫރުގައި ބޭއްވުނު "ސިންގަޕޯ ޗާޓަރޑް އިންސްޓިޓިއުޓް އޮފް އާބިޓްރޭޓަރސް ޓްރެއިނިންގ ސެޝަން އޮން އިންޓަނޭޝަނަލް އާބިޓްރޭޝަން ފޯ ދަ މޯލްޑިވިއަން ޖުޑީޝަރީ".
- މެއި 2014 ގައި އޮސްޓްރޭލިއާގެ ނޭޝަނަލް ޖުޑީޝަލް ކޮލެޖްއިން އިންތިޒާމްކޮށްގެން ބްރިސްބޭން، އޮސްޓްރޭލިއާގައި ބޭއްވުނު "ޖަޖްމެންޓް ރައިޓިންގ ޕްރޮގްރާމް".